ނަޕޯލީ އާއި އިންޓާ ވެސް ލީގަށް ކުރާ ވާދައިގާ ކުރިއަށް

އިޓާލިއަން ސެރީއާގައި ލީގަށް ވާދަކުރަމުންދާ ނަޕޯލީ އާއި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން ވެސް މި ހަފްތާގައި ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި ލީގުގެ އެއްވަނައިގައި މިހާރު އުޅޭ ނަޕޯލީ މޮޅުވެފައިވަނީ ރެލިގޭޝަނުގެ ބިރު ހީވެފައިވާ ލެއްޗެ އާއި ބައްދަލުކުރި މެޗު 0-1 އިންނެވެ. ނަޕޯލީއިން ގިނައިރު ބޯޅަ ގެންގުޅުނު މި މެޗުގައި ގިނަ ހަމަލާ އުފެއްދިތަން ފެނިގެންދިޔައީ ލެއްޗޭގެ ފަރާތުންނެވެ.

މި މެޗުގެ ފެށުން ރަނގަޅުވީ ނަޕޯލީގެއެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނަޕޯލީގެ ފޯވަޑް ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅައެއް ލެއްޗެގެ ގޯލަށް ވަން ނަމަވެސް އެ ލަނޑުވަނީ ވީއޭއާރުން ޗެކް ކުރުމަށްފަހު އޮފް ސައިޑް ކަމަށް ދައްކާފައެވެ.

މި މެޗުގައި ނަޕޯލީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ ގިއަކޯމޯ ރަސްޕަޑޯރީއެެވެ.

މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގައި ލެއްޗެއިން ނަޕޯލީގެ ގޯލަށް ފޮނުވާލި ހަމަލާތަކުގެ ތެރެއިން އެންމެ ފާހަގަ ވެގެންދިޔައީ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑާ ކިއަލޮންޑާ ގަސްޕާ ފޮނުވާލި ހަމަލާއެވެ. އެ ހަމަލާ އަމާޒުވީ ނަޕޯލީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މި ކާމިޔާބީއާއެކު ނަޕޯލީއިން އިރުކޮޅަކަށް ހަ ޕޮއިންޓްގެ ލީޑެއް ތާވަލްގެ އެއްވަނައިގާ ނަގާފައެވެ. ނަޕޯލީ މިހާރު އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 77 ޕޮއިންޓްގައެވެ. އަދި ލެއްޗެ އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ. ނަޕޯލީއިން ހަ ޕޮއިންޓްގެ ލީޑު މާގިނަ އިރު ތަކެއް ވަންދެން ހިފެހެއްޓޭގޮތެއް ނުވިއެވެ.

އިންޓާއިން ހެލަސް ވެރޯނާއާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް އެ ޓީމުން ވަނީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާ ވެސް ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.

އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު ގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން އަސްލާނީއެވެ.

މި ކާމިޔާބީއާއެކު އިންޓާ މިހާރު އުޅެނީ 74 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އިންޓާއިން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވުމުގެ ސަބަބުން ލީގުގައި އެ ޓީމު ދަމަހައްޓަމުންދިޔަ ލީޑު ވަނީ ގެއްލިގެން ގޮސްފައެވެ. މި މެޗުން ބަލިވުމުން ވެރޯނާ އުޅެނީ 32 ޕޮއިންޓާއެކު ތާވާލްގެ 15 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު