ސިންގަޕޫރުގެ އާންމު އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބުކޮށްފި

ސިންގަޕޫރުގެ ބޮޑުވަޒީރު އަދި ސަރުކާރު ހިންގާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް ލޯރެންސް ވޮންގްގެ ޕޯސްޓަރެއް. ފޮޓޯ/އޭއެފްޕީ

ސިންގަޕޫރުގެ ސަރުކާރުން ހިންގާ ޕާޓީން އެ ގައުމުގެ އާންމު އިންތިޚާބު ކާމިޔާކޮށްފައިވާ ކަމަށް ރަސްމީ ނަތީޖާތަކުން ދައްކައިފިއެވެ.

ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ 97 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 77 ގޮނޑި ހޯދައިގެންނެވެ.

އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން ބޮޑުވަޒީރު ލޯރެންސް ވޮންގް ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ހިޔާލު ތަފާތުވާ މީހުންގެ އަޑު ކަނޑުވާލާ ކަމުގެ ތުހުމަތާ އެކު ޕީއޭޕީއަށް ފާޑުކިޔުން އަމާޒުވެފައިވާ ވިޔަސް އިންތިޚާބުގެ ކުރިން ވެސް އެ ޕާޓީން ޔަގީންކުރަމުން ދިޔައީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދަމަހައްޓާނެ ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ގާތްގަނޑަކަށް 82 އިންސައްތަ މީހުން ހަވީރު ފަހެއް ޖެހުމާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވާ ކަމަށް އިންތިޚާބުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ސީއެންއޭ އިން ރިޕޯޓްކޮށްފައިވެއެވެ.

މަޖިލީހުގެ 97 ގޮނޑިއަށް 11 ސިޔާސީ ޕާޓީއަކުން ޖުމްލަ 211 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ވޯޓުލުން ކުރިއަށްގެންގޮސްފައި ވަނީ ހެނދުނު 8:00 އިން 20:00 ގެ ނިޔަލަށެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2001 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގެ އެވްރެޖްކޮށް ވޯޓުލުމުގެ ނިސްބަތް 94.2 އަރައެވެ.

މެލޭޝިއާއިން ވަކިވެ 1965 ވަނަ އަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުނު ފަހުން ބޭއްވި އާންމު 13 އިންތިޚާބު ވެސް ކާމިޔާބުކޮށްފައިވާ ޕީއޭޕީ އަކީ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭ ހަމައެކަނި ޕާޓީއެވެ.

comment ކޮމެންޓް