ޅެން ފަރުވާ: މިއީ ކިހިނެއްވާ ކަމެއް؟

ޅެމުން ނަފުސާނީ ދުޅަހެޔޮަކަމަށް ލުޔެއް ހޯދައިދިނުމަށް އެހީތެރިވެދޭ ކަމަށް ކަމުގެ މާހިރުން ބުނޭ--ފޮޓޯ/ޕިންޓްރެސްޓް

ޅެންވެރި ކަމަކީ، އިނގިރޭސި ބަހުން ނަމަ 'ބިބްލިއޯތެރަޕީ'ގެ ވައްތަރެކެވެ. އާއްމުކޮށް 'ބިބްލިއޯތެރަޕީ' ބޭނުންކުރަނީ ފޮތެއް ކިޔުން ނުވަތަ ލިޔުމެއްގެ ޒަރީއާއިން ހިތުގައި އުފެދޭ ޝުއޫރުތައް ފާޅުކޮށް އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައެވެ.

މީގެ ދަށުން އާއްމު ގޮތެއްގައި ތެރަޕީއެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރަނީ އެކި ވައްތަރުގެ ޅެމެވެ. ޅެންވެރިކަމުގެ ތެރަޕީގައި ތެރަޕިސްޓުން ފަރުވާގެ ތެރޭގައި ޅެންވެރިކަން ހިމަނައިގެން މީހާއަށް އިހުސާސްތައް ރަނގަޅަށް ދަނެގަތުމަށް އެހީތެރިވެދެއެވެ. އޭގެތެރޭގައި އަމިއްލަ ނަފުސުގެ އިހުސާސްތަކާ އެކު އެހެން މީހުންގެ އިހުސާސްތައް ހިމެނެއެވެ.

ނަފުސާނީ ދުޅަހެޔޮކަން ތަހައްމަލުކުރާ މީހުންނަށް ދެވޭ ފަރުވާގެތެރެއިން ޅެމުންދެވޭ ފަރުވާ އަކީ އެ ދަތުރުގެ މުހިއްމު ބައެއް--ފޮޓޯ/ސެކްޗުއަރީސެންޓަސް

ޅެން ކިޔުމާއި ލިޔުމަކީ އެ މީހެއްގެ އިހުސާސްތައް އެހެން މީހުންނަށް ކިޔައިދިނުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދޭ ކަމެއް ކަމަށް ވިޔަސް ގިނަ ތެރަޕިސްޓުން މިކަން ކުރަނީ އެހެނިހެން ވައްތަރު ތެރަޕީތަކާ އެއްކޮށްލައިގެންނެވެ.

މިސާލަކަށް ތެރަޕިސްޓުންނަށް ޅެން ބޭނުންކޮށްގެން އެ މީހަކު ކަމަކާ މެދު ގެންގުޅޭ ގޯސް ވިސްނުން ބަދަލުކޮށްލާ ހަމައަކަށް އަޅުވައިދިނުމަށް އެހީތެރިވެދެއެވެ.

އެހެންކަމުން ތެރަޕިސްޓުންނަކީ އެ މީހުންގެ ގާތަށް ފަރުވާ ހޯދަން ދާ މީހުންގެ އަމިއްލަ ދިރިއުޅުމާއި އަމިއްލަ ޖަޒުބާތު ކޮންޓްރޯލް ކުރުމަށް ދޭ އެހެނިހެން ތެރަޕީއާ އެކު ޅެންވެރިކަން މުހިއްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ބައެކެވެ.

މެންޓަލް ހެލްތު ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރަމުން އަންނަ ކްލިނިކަލް ސައިކޮލިޖިސްޓް ޑރ. ކްރިސްޓީނާ ކެސެލް ބުނެފައިވާ ގޮތުގައި ތެރަޕިސްޓުން އެ މީހުންގެ ތެރަޕީގައި ޅެން ބޭނުންކުރާ ވަރަށް ގިނަ ގޮތްތައް ހުރެއެވެ.

ހާސްކަމާއި ފިކުރުތަކުން ދުރުކޮށްލަ ދިނުމަށް ޅެމުން ހޯދައިދެވޭ ފަރުވާ އަކީ މުހިއްމު ފަރުވާއެއް ކަމަށް ތެރަޕިސްޓުން ބުނޭ--ފޮޓޯ/ޕިންޓްރެސްޓް

މިސާލަކަށް، ކުޑައިރުއްސުރެ ގެވެށި އަނިޔާ ތަޖުރިބާކޮށްފައިވާ ކުއްޖަކަށް އެކުއްޖެއްގެ ހިތުގައިވާ އިހުސާސްތައް ރަނގަޅަށް ދެނެގަންނަން އެހީތެރިވުމުގެ ގޮތުން ރުޅިވެރިކަމާއި ނަފުރަތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޅެމެއް ކިޔާލަން ދީފާނެއެވެ.

ހަމައެއާއެކު ޅެމުގެ ފަރުވާގެ ސަބަބުން ތެރަޕިސްޓާ އެކު މުއާމަލާތްކުރަން ބޭނުންނުވާ ވަރަށް ގިނަ ވާހަކަތަކެއް ކްލައިންޓުން އެ މީހުންގެ މައިންބަފައިންނާ ނުވަތަ ދަރިންނާ އެކު ހިއްސާކޮށްފައިވާ ކަމަށް އެކި ދިރާސާތަކުން ފެންނަން އެބަހުރި ކަމަށް ޑރ. ކްރިސްޓީނާ ކެސެލް ވަނީ ބުނެފައެވެ.

ޅެމުގެ ފަރުވާއިން ލިބިދޭ ފައިދާތަކުގެ ތެރޭ ޅެން ކިޔުމާއި، ލިޔުމަކީ އެ މީހަކު ގަޔާވާ ކަމެއް ނަމަ އެ މީހަކަށް ތެރަޕީ ދިނުމަށް ވަރަށް ފަސޭހަވެގެންދާ ކަމަށާއި، ޅެމުގެ ފަރުވާއަކީ ކްލައިންޓުންގެ ތެރެއިން އެކަނިވެރިކަން އިހުސާސްވާ މީހުން އެ ހީވުންތަކުން ދުރުކޮށްދޭ ކަމެއް ކަމަށް ޑރ. ކްރިސްޓީނާ ކެސެލް ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު