އާސެނަލް ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލާއި ބޯންމޯތު ބައްދަލުކުރި މެޗުން ބަލިވެ އާސެނަލް ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެއެވެ.

އާސެނަލްވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް ޖާމެއިން އާއި އަމިއްލަ ދަނޑުގައި ބައްދަލުކުރި މެޗުން ވެސް ބަލިވެފައެވެ.

ބޯންމޯތާއެކު އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބޯންމޯތުން ކާމިޔާބު ކޮށްފައިވަނީ އާސެނަލުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވަރަށް ހަމަހަމަކޮށް ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ގިނަ ހަމަލާ ތަކެއް އުފައްދާ ބޯންމޯތަށް ނުރައްކާކޮށްފައެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާސެނަލްއަށް 100 ވަނަ މެޗު ކުޅެމުންދިޔަ ޑެކްލަން ރައިސްއެވެ.

މި ލަނޑު އާސެނަލް ކާމިޔާބު ކުރުމުގެ ކުރިން ބޯންމޯތުގެ ފޯވަޑް އެވަނީލްސަންއަށް ވަނީ އެ ޓީމަށް ލީޑު ނަގައިދޭނެ ރަނގަޅު ފުރުސަތެއް ލިިބިގެން ގޮސްފައެވެ. ނަމަވެސް ހުސްކޮށް އަރާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އާސެނަލް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބޯންމޯތު ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. މިގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޑީން ހުއިސެން ޖަހާދިން ލަނޑުން ބޯންމޯތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

އަދި މި މެޗުން ބޯންމޯތު މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެވަނީލްސަންއެވެ. މި މެޗުގައި އާސެނަލުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ބޯންމޯތުގެ ތާރީހުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް މޮޅުވުމަށް ހުރަސް އެޅޭގޮތެއް ނުވިއެވެ.

މިކާމިޔާބީ އާއެކު ބޯންމޯތު މިހާރު އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. މިއާއެކު މި އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކުން ޖާގަ ލިބިގެންދިއުމުގެ ފުރުސަތު މިވަނީ ބޯންމޯތަށް ބޮޑުވެފައެވެ.

އަދި އާސެނަލް މި މެޗުން ބަލިވުމުން އެ ޓީމު އުޅެނީ 67 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެހެން ނަމަވެސް ތިންވަނައިގާ އުޅޭ މެންޗެސްޓާ ސިޓީ އުޅެނީ ތިން ޕޮއިންޓް ފަހަތުގައެވެ. އަދި މި ނާކާމިޔާބީ އާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ނިކުތުމަށް އާސެނަލް ތައްޔާރު ވަމުންދާއިރު ޓީމުގެ ތެރޭގައި އޮތް އަމިއްލަ އިތުބާރަށް ވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ވެސް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު