ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް ޓަކައި ސަބްސިޑީއާއި ޕެންޝަން ދޭ ގޮތް އިސްލާހުކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ލަފާ ދީފައި އޮތް ނަމަވެސް، އަދި އެގޮތަށް އަމަލުކުރަން ސަރުކާރުން ކުރިން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށްފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިިފިއެވެ.
ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބޮޑުވެފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ފާއިތުވި އަހަރުތަކުގައި ވަނީ ދައުލަތުން އާސަންދައާއި ސަބްސިޑީތަކާއި ޕެންޝަނަށް، ދެމެހެއްޓެން ނެތް ގޮތަކަށް ޚަރަދު ކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގެ ކުރިއެރުމަށް ޓަކައި އެ ނިޒާމުތަކަށް ބަދަލު ގެންނަން އެ އިދާރާތަކުން އެކި ފަހަރު މަތިން ގޮވާލައިފައިވެއެވެ.
މި އަހަރާއި އަންނަ އަހަރު ވެސް ދަރަނި ދެއްކުމަށް ޓަކައި ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ގާނޫނު ހަދާ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް ހިމަނައިފައެވެ. އޭގެ ތެރޭގައި އާސަންދާއި ސަބްސިޑީއާއި ޕެންޝަން މުރާޖާކޮށްގެން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރަން ކަނޑައަޅާފައިވެއެވެ.
އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް އަޅަން ދީފައިވާ މުހުލަތު ފާއިތުވި ދިޔައިރު ވެސް، އެ ފިޔަވަޅުތައް އަޅައިފައިނުވެއެވެ.
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށްވާއިރު، އެ ބައްދަލުވުމުގައި މިރޭ އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ޚަރަދު ސަލާމަތް ކުރަން ނިންމައިފައިވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން އަޅަން ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އޭގެ ތެރެއިން، އާސަންދައިން ވަރަށް ބޮޑު އިސްރާފެއް ވަމުން އައި އައުން ހުއްޓުވުމަށް ޓަކައި ފިޔަވަޅު އަޅައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން އެހެނެއް ނޫން ދެން އެހެރަ ކަންކަމަކީ އަޅުގަނޑުމެން ކުރާނެ ކަންކަމެއް ނޫން. މިހާރު އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މަޝްރޫއުތައް މިހާރު ހިންގަން ނިންމާފައި މި އޮތް ގޮތުން ކުންފުނިތައް މެދުވެރިކޮށް، ގިނަ މަޝްރޫއުތައް ހިންގަން މި އޮތީ ނިންމާފައި، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ މަޝްރޫއުތަކުން ޕްރޮފިޓް މާޖިން ކުޑަކޮށްލެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އާންމު ގޮތެއްގައި ބަޖެޓުގައި މަޝްރޫއުތައް ހިމަނަނީ، ހަވާލުކުރާ ފަރާތަށް ލިބެން ޖެހޭނެ ފައިދާ ވެސް ހިމަނައިގެން ކަމަށެވެ. ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް ދީގެން ހިންގާއިރު، މަޝްރޫއަށް ހިނގާ ޚަރަދަށް ހަމައެކަނި ހޭދަކުރުމުން ފައިސާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މީގައި މިވާގޮތަކީ ބަޖެޓު މި ހަދަނީ ނޯމަލީ ޕްރޮޖެކްޓްސްތަކަށް ބަޖެޓު ހަދާ ގޮތަށް ޕްރޮޖެކްޓަކަށް މިސާލަކަށް ބަނދަރެއް ހަދަންޏާ ޖަހައިފާނެ ޕްރޮފިޓަށް ލާންވާ ބަޔާ އެއްކޮށް ލާފައި 50 މިލިއަން ރުފިޔާ އެކަމަކު އަޅުގަނޑުމެން އެ މަޝްރޫއު އެޓް ކޮސްޓުގައި ނޫނީ ނިޔާލީ އެޓް ކޮސްޓުގައި އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭ ކަމަށްވަންޏާ އެބަ ސަލާމަތްކުރެވޭ 15 ވަރަކަށް ނުވަތަ ވިއްސަކަށް މިލިއަން ރުފިޔާ," އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި: މި އަހަރަށް ފާސްކުރި ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް އަޅަން ނިންމައިފައި އޮތް ނަމަވެސް، އެ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: މަޖިލިސް
ސަރުކާރުން ރާވާފައިވާ 2130 މަޝްރޫއެއްގެ މައުލޫމާތު މިއަދު ރައީސް ހިއްސާކުރައްވައިފައިވާއިރު، އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ދައުލަތް ހިއްސާވާ ކުންފުނިތަކާ ކަމަށެވެ.
"އޭގެ މާނައަކީ މި އެސްއޯއީތަކުން ޕްރޮފިޓް މޯޓިވްގައި މާ ބޮޑު މަސައްކަތެއް މި ދެ އަހަރު ތެރޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުން ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ގަނޑުކޮށް ގަނެގެން ބޭނުންކުރުމަކީ ވެސް ފައިސާ ސަލާމަތް ކުރާނެ ގޮތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ކުޅިވަރު މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފެންސުތަކާއި ލައިޓުތަކާއި ޓާފްތައް ފަދަ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާނެ ތަކެތި ގަނޑުކޮށް ގެނައުމެވެ. އެގޮތަށް ގަނޑުކޮށް، އެސްޓީއޯ މެދުވެރިކޮށް ތަކެތި ގެނައުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަކުރެވޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެން އަޅުގަނޑުމެން ކޮންމެވެސް ވަރެއް ޕްރައިވެޓް ސެކްޓާއަށް ޕްރޮޖެކްޓްސްތައް ދޫކޮށްލާނަން އަޅުގަނޑު ދެންނެވިން ކުރީގައި، ދޫކޮށްލިޔަސް މި ބެލެންސް އެބަ ގެނެވޭ،" ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ކޮންމެހެން ރައްޔިތުންނަށް ދެމުންދާ އެއްޗަކުން އެއްޗެއް އުނިކޮށްލައިގެން އެ ސަލާމަތް ކުރުމުގެ ބަދަލުގައި މި ހިންގަން ހުރި މަޝްރޫއުތަކުގެ ތެރެއިން އަޅުގަނޑުމެން މި އާ މޮޑެލްގެ ތެރެއިން މަޝްރޫއު ހިންގައިގެން އެބައި ސަލާމަތް ކުރާ ގޮތަށް އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ."
މި އަހަރަށް ފާސްކުރި ބަޖެޓުގައި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީއަށް ގެންނަން އޮތް ބަދަލަކީ، އެ އެހީ އެންމެނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަބްސިޑީ ބޭނުންވާ މީހުންނަށް އެކަނި ދޭން ފެށުމެވެ. އަދި ދައުލަތުން ފޯރުކޮށްދޭ ޕެޝަންތައް ތަކުރާރު ނުވާނެހެން މުރާޖާ ކުރުން ވެސް އެއް ފިޔަވަޅުގެ ގޮތުގައި އޮތެވެ.
ޕެންޝަނަށް ގެންނަ އިސްލާހެއްގެ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމިއެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، އެ އެލަވަންސް ދޭން ސަރުކާރުން އަލުން ނިންމިއެވެ.
މީގެ އިތުރުން ސަބްސިޑީ ހައްގުވެރިންނަށް ދޭ ގޮތަށް މިދިޔަ މަހު ބަދަލު ގެންނަން ބަޖެޓުގައި އޮތް ނަމަވެސް، އެ ފިޔަވަޅު އަޅައިފައިނުވެއެވެ. އަދި ސަބްސިޑީއަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅައިފައިވާ އަދަދުގެ 56 ޕަސެންޓް ފާއިތުވި ހަތަރު މަސް ތެރޭގައި ވަނީ ޚަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.
މީގެ އިތުރުން ވެސް ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރުވަމުން އަންނައިރު، ސަރުކާރަށް ފާޑުކިޔުންތައް ވެސް ވަނީ އިތުރުވެފައެވެ.