"އެއްވެސް ގޮތަކުން ތިބާގެ މަންމަގެ ހިތުގައި ނުޖައްސާށެވެ. ލަފުޒުތަކުން ، ރުޅި އަދި ހިމޭންކަން ޚިޔާރުކޮށްގެންވެސް މެއެވެ."
***
ގޭގެ ދޮރާއި އަރާ ހަމަވެފައި އޭނަ އެނބުރި ދުރުދުރުން ފެންނަ ފާލަމާއި ދިމާލަށް ބަލައިލިއެވެ. އެގަޑީގެ ގޮތުން ކިރިޔާ ހެކަ އަޅާކަމެވެ.
އެއްވެސް އެއްޗެއް ނުފެނެއެވެ.
ހަމައެކަނި ވަޔާއި މޫދާއި އެއްވަރަކަށް ހިގަމުންދާ ގަޑީގެ ކަށީގެ އަޑެވެ. އޭނަ ޚިޔާލުތައް އެއްފަރާތްކޮށްފައި ގެއަށް ވަނުމުން އާދައިގެ މަތިން ވަށައިލީ ކެމޮމައިލް އަދި ދުވަސްވީ ވަކަރުގެވަހެވެ. ހަނދާނެއްފަދައިން އޭނަގެ ގައިގާ ބައްދައިލިފަދައެވެ.
***
އެރޭ މިރިއަމް ނިދަން އޮންނަން ޖެހުނީ އެކަނިމާއެކަނިއެވެ. މަންމަ އެއްދުވަހަށް އެޑްމިޓްކުރަން ޑޮކްޓަރ ލަފާ ދިނުމުން އެނޫން ގޮތެއް ނުފެނުނެވެ. މަންމަ ނިކުމެގެން ހިގަން ފެށިފަހުން އެކަނިވެރިކަމަކީ އޭނަގެ ދިރިއުޅުމުގެ އެއްބައިކަމުގައިވެއްޖެއެވެ. އޭނަ ރޭގަނޑުގެ ސްކިން ކެއާއަށް މޮއިސްޗަރައިޒާގެ ބޯ ފަށަލައަކުން މޫނު ފޮރުވައިލިތަނާ ހަނދާންވީ އޭނަ ނަމާދު ނުކުރާ ކަމެވެ. ނަމާދަކީ އެއްގޮތަކަށްވެސް އެކަން ދޫކޮށްލުން އެއްވެސް ގޮތަކަށް ގަބޫލުކުރެވެން އޮތްކަމެއް ނޫނެވެ. ކަންނެތްވެފައި ހުރެވެސް ޖެހުނީ ތަންކޮޅެއް ލުއި ފޭސް ވޮޝްއަކުން މޫނު ދޮވެލުމަށެވެ. ހަމައެކަނި ފެނުން ބައެއް ވައްތަރުގެ ސިލިކޯން މޮއިސްޗަރައިޒާ ނުފިލާތީއެވެ.
އިޝާ ނަމާދަށްފަހު އެނދުގައި އޮށޯވެލުމުގެ ބަދަލުގައި އޭނަ ގެއިން ނިކުތެވެ. އިސްތަށިގަނޑު ފޮރުވަން ތުނި ޝޯލެއް އޮޅާލައިގެންނެވެ. ގެއަށް ވަންނަން ހުރި ކުޑަ ފަތްތަރު މަތީގައި އިށީދެ ރޭގަނޑުގެ އުދަރެހަށް ނަޒަރު ހުއްޓައިލިއެވެ. ބޯ އަރިކޮށްލާފައި ގަސްތަކުގެ ދޭތެރެއިން ފެންނަން ހުރި ވިދާ އަލިގަދަ ޑިސްކަށް ބަލައިލެވުނެވެ. ހަނދު ހުރީ އަތްފޯރާ ފަށުގައެވެ. ހުދު ރޭތަކެވެ. އޭނައަށް ސަޔާރާގެ މަތިން ހަނދާންވިއެވެ. އޭނަ ބުނީ އައްޔާމްއަލް ބީޟްހެއްޔެވެ؟
ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަނދުމަހުގެ ތޭރަ ސާދަ އަދި ފަނަރަދުވަހުގެ ރޯދަ ހިއްޕަވައެވެ. ސަޔާރާ އެވާހަކަ ބުނީ ނިކަން ހެވި ދިއްލިފައެވެ. ސަޔާރާ މަސައްކަތްކުރަނީ ސުންނަތަށްވެސް އުޅުމަށެވެ. ނަމަވެސް އޭނައަށް މިމަހުވެސް ރޯދައެއް ނުހިފުނެވެ. މިދިޔަމަހުގައިވެސް މެއެވެ. ހިތުގައި ކުޑަކޮށް ރިއްސައިލިއެވެ. ހަނދު ފެނުމުން ހަނދާންވަނީ ﷲގެ ރަހުމަތްކަމުގައި ބުނި ބަހުގެ މާނައަކީ މިއީހެއްޔެވެ؟ހަނދު އަބަދުވެސް އެނބުރިި އަންނަނީއެވެ. އަބަދުވެސް ހިނިތުންވެގެންނެވެ. ލޯމަތިން ގެއްލުމަށްފަހުގައިވެސް މެއެވެ. ކަނު އަނިދރީގައިވެސްމެއެވެ.
މިރިއަމް ނޭވާއެއް އެތެރެއަށް ލާފައި ދޫކޮށްލީ އިރުކޮޅަކަށް ހިފަހައްޓާފައެވެ. ލަސްލަހުންނެވެ. ތިން ދުވަހެވެ. އެންމެ ތިން ދުވަހުގެ ރޯދައެވެ. އެހާ ގިނައެއްވެސް ނޫނެވެ. ފަހަރެއްގައި ހިތުގައިވާ ހިރަފުސް ފޮޅާ ސާފުކޮށްލަން ފުދޭވަރެއްގެ އަދަދެކެވެ. އޭނައަށް ބައެއްކަންތައްތައް ދޫކޮށްލަންވެސް އެކަށީގެން އަދަދެކެވެ. އޭނަ އަތަށް ބަލައިލުމަށްފަހު އަނެއްކާވެސް އުޑުގައި ހުރި ހަނދުފަޅިއަށް ނަޒަރު ހުއްޓައިލިއެވެ.ވައިރޯޅިތައް ތަންކޮޅެއް ބާރުވެލިއިރުވެސް ހަނދު ހިނިތުންވެލައިގެން އިނެވެ. ވައިރޯޅިތައް އޭނަގެ ކޯތާފަތުގައި ބޮސްދިންއިރު ފިނިވެފައި ތެތް ލޮނު ވަހެއް އެކުލެވުނެވެ.
ފަހަރެއްގައި.."އޭނަ އަމިއްލަ ނަފުސަށް ކިޔައިލިއެވެ. "އަންނަ މަހު ރޯދަ ހިފާނީ..."
ސަޔާރާ އަބަދުވެސް އެހާ ހިތްހަމަޖެހިފައި ހުންނަކަމީވެސް އަޖައިބެކެވެ. ވާހަކަދެއްކުމަކާއި ނުލާވެސް މީހުން އިތުބާރުކުރާ ޒާތުގެ އަންހެންކުއްޖެކެވެ. އެކުއްޖާގެ މޫނުމަތީގައި އެހުންނަ މަޑުމައިތިރިގޮތް ގަނޑަކީ ގަދަކަމުން ގެނެސް ހުންނަ ދެއްކުންތެރި ކަމެއްވެސް ނޫނެވެ. އޭނަ ކިހާ ތަފާތުހެއްޔެވެ؟ އުމުރުން ބާވީސް އަހަރުފުރި ހޮސްޕިޓަލުގައި ދިގު ޝިފްޓްތައް ހަދާ ބަލިމީހުންނާއި ހިނިތުންވެލަނީވެސް އެކަމަށް ނަފުސް ތަމްރީނުދީފައިވާތީއެވެ. އެކަމަކުވެސް އޭނަގެ މޫނުމައްޗަށް ބަލާފައި ހީވާނީ އޭނައަށް ވުރެ ތަންކޮޅެއް ކުރީގައި ހުރެގެން ދާ އަމާންކަމާއި ހަމަޖެހުން އަތުލަން ފަހަތުން ދުވާހެންނެވެ. ހަމަޖެހުމާއި އުފާވެރިކަން އެމޫނަށް ނުލިބިފައެވެ. އެހެން އެވަނީ އޭނަ އެންމެ ފަރުވާތެރިވާންވީ ކަންތައްތައް ފަހަތަށް ޖައްސާތީހެއްޔެވެ؟ އޭނަ ހިތާމައާއެކު ވިސްނައިލިއެވެ. ހަގީގަތަކީ ބޭހެއްފަދަ ހިތި އެއްޗެކެވެ.
ނަމާދުތަކާއި ތައުބާވުން އާ ފެށުމަކުން ފެށުމަކީ އަބަދުވެސް އޭނަ އަދި ފަހުން ކުރަން ބަހައްޓާފައި ހުންނަ ކަންތައްތަކެވެ. އަބަދުވެސް ފަހަށް ރައްކާކޮށްފައެވެ. އިމްތިހާނުގެ ފަހުންނެވެ. ހިތް ހަލާކުވީމައެވެ. ހިތާމައާއި މޮޅިވެރިކަމެއް ކުރިމަތިވީމައެވެ. އޭނަ އެނބުރިއައީމައެވެ.
އެހެންވީމަ ބަދަލުގައި ލިބެން ހުރި ރަގަޅުކަންތައްތައްވެސް ފަސްވެފައިވަނީހެއްޔެވެ؟
އެޚިޔާލު އައުމާއެކު ސިކުނޑީގައި ހަރުލިއެވެ.
"އިމްތިހާނުތައް ކުރިމަތިވުމުގެ ކުރިން ހެޔޮ އަމަލުތައް ކުރުމަށް އަވަސްގަންނާށެވެ."ކޮޮންމެވެސް މީހަކު ހަލަގާއެއްގައި މި ހަދީސް ކިޔާފައިވިއެވެ. އޭރު އޭނައަށް އޭގެ މާނައެއް އެހާ ރަަގަޅަށް ނުވިސްނުނެވެ. އެކަމަކު ހަނދުގެ ދަރުބާރުގައި އުމުރުގެ އެތައް އަހަރެއް އިންތިޒާރުގައި ހުރުމުން އޭގެ މާނަ ފަހުމްވެއްޖެއެވެ. ފަސްއަހަރުވާންދެން އޭނަ އިންތިޒާރުކުރަމުން އައި ކައިވެނިވެސް ލަސްވަމުން ދަނީ އޭނަ ކުރަންޖެހޭ ކަންތައްތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުންކަން ގަބޫލުކުރެވުނެވެ.
އޭނަގެ ޚިޔާލުތައް އެނބުރެމުން ދިޔައީ ހަމްޒާގެ ވަށައިގެންނެވެ.
ހަމްޒާގެ މަންމަ ރުމައިސާވަނީ އޭނަ ޅީދަރިއަކަށް މިރިއަމް ވުމަށް ނޭދޭކަން އޭނައަށް ޔަގީންވާވރުކޮށްފައެވެ. އެކަމަކު އޭނައާއި ހަމްޒާގެ ފުރަތަމަ އަދި ހަމައެކަނި ކުރު ވާހަކަކޮޅަށްފަހު އޭނަވެސް ހަމްޒާއާއި ކައިވެނިކުރަން ބޭނުންވިއެވެ. އޭގެފަހުންވެސް އޭނަގެ ޚިޔާލު ބަދަލެއްނުވިއެވެ. ގޮތްދޫނުކުރުން، ފަޚުރު ނޫނީ ފަހަރެއްގައި ވަރަށް ސާފު ތާހިރު ޖަޒުބާތެއް އޭނަގެ މޭގެ އެންމެ ފުނުގައި މޫ ހަރައިލީއެވެ. ރުމައިސާގެ ދެކޮޅުހެދުމުންވެސް އޭނަ ނުހުއްޓުވުނެވެ.
ހަމްޒާ ފުރިދުވަހު އޭނަވަނީ ހުރިހާ ޖެހިލުމަކާއި ލަދެއް ބޮޑުފޮށްޓަށް ލާ ތަޅުލާފައިގޮސް އޭނަގެ ހަޔާތުގައި ދުވަހަކު ނުކުރާވަރުގެ ޖެހިލުންކުޑަ ފިޔަވަޅެއް އަޅާފައެވެ. ފަތިހު ފަތިހާ ބަދަރަށް ދިޔައިރު އޭނަގެ ހިތް މޭގެ ތެރޭގައި އޮވެ ތެޅެމުން ދިޔަގޮތުން މޭކަށިގަނޑުގައި ރެދެއްލާފާނެކަމަށްވެސް ހީކުރެވުނެވެ. އޭނައަށް ހަމްޒާގެ މަންމަ ދިން ކެވެލިކޮޅު އެޅީއެވެ. ހަމައެކަނި އެކަމެވެ. އެއީ ނިޝާނެކެވެ. ލަފުޒަކާއި ނުލާ އާއެކޭ ބުނީއެވެ.
ހަމްޒާއަށްވެސް ފެނުނެވެ. އޭނަ ހީލިއެވެ. ކުޑަކޮށް އެކަމަކު އެވަރުވެސް ރަގަޅެވެ. އޭގެފަހުން ހަމްޒާ އިޖިފްޓަށް ފުރައިގެން ދިޔައީއެވެ. އެފަހުން ހަމްޒާގެ އެއްވެސް ޚަބަރެއްނުވެއެވެ. އޭނަގެ މަންމަ ބުނިގޮތުން ހަމްޒާ އެހާ ސީރިޔަސްކޮށް ކައިވެނިކުރަން ބޭނުންވިނަމަ އޭނަ އެނބުރި އަންނާނެއެވެ. އޭނަ ބަދަލުނުވާނަމައެވެ. އޭނަ ހަނދާން ހުރިނަމައެވެ. އެނގޭނެ އެއްވެސް ވަސީލަތެއް ނެތެވެ. އެއްވެސް މެސެޖެއް ޒިޔާރަތެއް އަދި ސަޔާރާގެ މައިންބަފައިންގެ ފަރާތުންވެސް އެންމެ ލަފުޒެއްވެސް ނީވެއެވެ.
މިރޭ އެކެވެލިކޮޅުވެސް ބަރުކަމުގައި އިހުސާސްކުރެވުނެވެ. އޭނަގެ ހިތްފަދައިންނެވެ. ނޭގި ހިފަހައްޓައިގެން ހުރި ނޭވާކޮޅަށް ދިޔުމުން ދޫކޮށްލެވުނެވެ. އޭނަ ވަރަށް އިންތިޒާރުކޮށްފިއެވެ. އެ އިންތިޒާރުގައިހުރެ ސްކޫލް ނިންމިއެވެ. ކޮލެޖްވެސް މެއެވެ. ޑިގްރީވެސް ހާސިލުކުރިއެވެ. އެވެސް އެންމެ މަތިން މާކްސް ލިބުމުން ހާސިލުވީ އެއްޗެކެވެ. އެހުރިހާ ބުރައެއް އުފުލާ މަސައްކަތްކުރީ ހަމްޒާ އެނބުރި އަންނަންވާއިރަށެވެ. އޭނަފަދައިން ތައުލީމީ މީހަކަށް ވުމަށެވެ.
އޭނަ ހަނދާން ނެތުނީހެއްޔެވެ؟ ނޫނީ....އެއަށްވުރެ ނުބައި ޝައްކެކެވެ. އޭނަ ހަޔާތުގެ ބައިވެރިޔަކަށް އެހެން މީހަކު ހޮވީހެއްޔެވެ؟ އޭނައަށް އަތުކުރީގައި ހިފާ ބާރުކޮށްލެވުނެވެ. އޭނަ އެއްވެސް ވަރަކަށް އޮޅުން ފިލުވާނުލާ އިންތިޒާރުގައި ހުންނަންވީހެއްޔެވެ؟ ނޫނެކެވެ. މިހާރު ސުވާލުގެ ވަގުތު ޖެހުނީއެވެ.
އެވަގުތު އޭނަގެ ލޮލުގައި ކޮންމެވެސް ސޫރައެއް އަޅައިގަތެވެ. ފިރިހެނެކެވެ. މަގުގެ އަނެއް ފަޅީގައި ހުރި ހިތިގަސްކައިރިގައެވެ. އެއްފަޅި އަނދިރީގައި އަނެއް ފަޅި ހަނދުވަރުގެ އަލީގައެވެ. އޭނަ ހުރީ އެއްކޮށް ހުދުކުލައިގައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ގަހުގެ ފަތްތަކުގެ ސަބަބުން ލޯ ކޮންމެވެސް ވަރަަކަށް ނިވާވެފައިވީނަމަވެސް އޭނައަށް އެނަޒަރު އިހުސާސްވިއެވެ. އޭނައަށް އެމީހަކު ބަލަނީއެވެ. ހިރިވެސް ނުލާ ހަމަ އެހެން ސްތެޗޫއެއްހެންނެވެ. މާކުރިއްސުރެ އެތާ ހުރިފަދައިންނެވެ.
މިރިއަމްވެސް ހުރީ ގަނޑުވެފައެވެ. އެސްފިޔަވެސް ޖަހާނުލައެވެ. ކަރުގައި ނޭވާތާށިވީ ރޮދިފަށަށް މާ ބާރަށް ދަމައިލެވުމުން ވާފަދަ ގޮތަކަށެވެ.
އެއީ ހަމްޒާހެއްޔެވެ؟
ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެއީ ހަމްޒާއެއް ނޫނެވެ.
އެމީހާ އިސްކޮޅުން މާ ދިގެވެ. ނޫނީ ތަންކޮޅެއް ހިކިކަމަށް ދައްކައެވެ. ނޫނީ ހަމަ ހަނދުގެ ސަބަބުން ލޮލަށް ފެންނަގޮތެއް ހެއްޔެވެ؟ ޔަގީނެއްނޫނެވެ. ވިސްނުންތެރިކަމާއެކު ބަލަން ހުއްޓާ އެމީހާގެ ވަށައިގެން މަޑުމަޑުން ފުސްވާންފެށިއެވެ. އެސްފިޔަ ޖަހާފައި ބެލިއިރު އޭނަ ޖެހުނުތާ ލަކުނުވެސް ނެތެވެ. އެއްވެސް އަޑެއް ނީވެއެވެ ފިޔަވަޅެއްގެ އަޑުވެސް ފަތެއް ހިރިލާ އަޑެއްވެސް ނީވެއެވެ. އެގަހާއި ދިމާލުން އެމީހަކު ހުރި މަގާމު ހުރީ ހުހަށެވެ. އެތާ ކުރިންވެސް މީހަކު ނެތްފަދައިންނެވެ. އެއްވެސް ހިލަމެއް އަސަރެއްނެތެވެ. ހިތް ތެޅެމުން ދިޔައީ ކަންފަތުތެރެއިންނެވެ. ހަތަރެސްފައި ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. ހަމައެކަނި ހަނދާއި ދޮންވެލިގަނޑު އަދި ދުރުން އިވޭ ރާޅުތަކެވެ.
"ހަމްޒާ؟" އޭނަ ތުރުތުރު އަޅާ އަޑަކުން އެހިއެވެ.
އެއްވެސް މީހަކު ޖަވާބެއްނުދިނެވެ. އެންމެ ރަގަޅެވެ. އޭނަ މާ ބޮޑަށް ވަރުބަލިވީކަން ނޭގެއެވެ. އެހެންވެ ނެތް އެއްޗެހިވެސް ލޯމައްޗަށް ސޫރަވަނީއެވެ. ނޫނީ ހަމަ އެހެންލާފައި ދިޔަ މީހަކު ގަސްކައިރީ މަޑުކޮށްލައިގެން ބަލަން ހުރީއެވެ. މީހަކު އޭނައަށް ފާރަލަނީކަމުގެ ޝައްކާއިއެކު މައިބަދައިން ފިނި ރާޅެއް ޖަހައިލިއެވެ. މުޅި ހަށިގަނޑަށް ފިނިކަން އިހުސާސްވިއެވެ. އޭނަ އަވަހަށް ގެއަށް ވަދެ ދޮރުލައްޕާލައިފިއެވެ.
***
ޖެހިގެން އައި ދުވަހު ރަށުތެރެ އޮތީ އާދަޔާޚިލާފަށް ހިމޭންކޮށެވެ. ކާޅުތައްވެސް ގަބުވެފައިވާފަދައެވެ. ރަށުތެރޭގެ ހޭލަމޭލަވުން ކުޑަވެފައިވަނީ އިރުއެރިއިރު އެހެރަ ފިނަކަމަކުން ކަން ނޭގެއެވެ. މިރިއަމް ސަޔާރާގެ ގެ ގޭޓްކައިރީ މަޑުކޮށްލައިގެން ހުރިއިރު އޭނަގެ އަތްތިލަ ފިންޏެވެ. މިގެއަށް އައީވެސް ދެފިކުރެއްގައި ހުރެއެވެ. މަންމައަށް ޒިޔާރަތްނުކޮށް އެންމެ ކުރިން މިއައީ މިގެއަށެވެ. ޖަވާބު ނުލިބޭ ސުވާލުތަކެއް ހިފައިގެންނެވެ. ހަމްޒާ ހުރިތަނަކާއި އޭނަގެ ރޭވުން ނޭގެންޏާ އޭނަ މޮޔަވެދާނެއެވެ.
ސަޔާރާ ދޮރު ހުޅުވައިލަމުން ސަލާމްގޮވައިލިއެވެ. އާއްމުކޮށް އެހުންނަ އުފާވެރި ރީތި ހިނިތުންވުމެވެ. ނިގާބުގެ ފުރަގަހުންވެސް އެހިނިތުންވުމެއް އޭނައަށް އިހުސާސްވިއެވެ."ހާދަ އަވަހަށް ތިއައީ؟ އޮފްޑޭތަ؟"
"ނުނިދިގެން...."އޭނަގެ ނަޒަރު ހުއްޓުނީ ގޭޓްކައިރީގައި ހުރި ބޯގަންވިލާ ގަހަށެވެ."އިށީދެލެވިދާނެތަ؟"
ސަޔާރާއާއި އެކީ ހިނގާފައިގޮސް އެ ދިގު ފިލާގައި އިށީނުމަށްފަހު އިރުކޮޅެއްގެ ހިމޭންކަމެއް އެދެމެދަށް ވެރިވިއެވެ. އެފަދަ ހިމޭންކަމަށް ސަޔާރާ ރުހޭކަމަކަށްނުވެއެވެ. އޭނަ ހެދުމުގެ އަތުކުރިއާއި ކުޅެމުން އުދަރެހާއި ދިމާލަށް ދޭތެރެއަކުން ބަލައިލައެވެ.
"ސަޔާރާ...."އެންމެ ފަހުން އޭނަ ސުވާލުުކުރިއެވެ."އެނގޭތަ؟ ހަމްޒާ ދުވަހަކުވެސް އަންނާނެހެން ހީވޭތަ؟"
އޭނަ މިނޫނީ ދުވަހަކުވެސް ހަމްޒާއާއި ބެހޭގޮތުން އެއްވެސް މީހަކާއި ސުވާލުކޮށްފައެއްނެތެވެ. އޭރުން އޭނަ މާޔޫސްވެގެން އަހަނީކަމަށް ހީކުރެވިދާނެއެވެ. އެކަމަކު ދެން އިތުރަށް އިންތިޒަރެއް ނުކުރެވޭނެއެވެ.
"މިބުނީ...އޭނަ ބުނީ ފަސްއަހަރު ފަހުންނޭ. އަދި މިހާރު.....ފަސް އަހަރުވެއްޖެ...."އޭނަ އަމިއްލައަށްވެސް ގަބޫލުކުރާ ހަގީގަތަކީ އެއީއެއްނޫނެވެ. ހަމްޒާ ސީދާ އެހެނެއް ނުބުނެއެވެ. ފަސްއަހަރުފަހުން އެނބުރި އަންނާނެއޭ ނުބުނެއެވެ. އެކަމަކު ކައިވެންޏަށް ހުށަހަޅާފައި ކިޔަވާ ނިމުމުން ނައުމަކީ ހަމަޖެހޭކަމެއް ހެއްޔެވެ؟
"އަހަންނަށް އެނގޭ އޭނަގެ މަންމަ ކައިވެންޏާއި ގަބޫލުނޫންކަން...އެކަމަކު އިންތިޒާރުކުރެވިއްޖެ.. އެހެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން. އަހާ މީހުންވެސް ރިޖެކްޓްކުރިން..މިހާރު އަހަންނަށް ހީވަނީ މޮޔަކަމެއްހެން..އޭނަ ދުނިޔޭގައި ހުރިކަމެއް ނޫނީ ކައިވެނިކުރީކަމެއްވެސް ނޭގޭ...." މިރިއަމް ދުރަށް ބަލަންފެށިއެވެ.
"އަދިވެސް ކެވެލިކޮޅު އަޅަމެއްނު.."ސަޔާރާގެ އަޑުވެސް މަޑެވެ. އޭނަގެ ކަރުތެރެ ބެދުނެވެ.
"އެނގޭތަ؟ ބައްޕަ އަތުގައި އޭނަގެ ނަމްބަރު އޮވެދާނެތަ؟" އެންމެފަހުން ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ."އަހަރެން އޭނަ ފަހާ ދުވާކަށް ނޫން އެކަމަކު ބޭނުންވަނީ...ޕްލީޒް.........."
ސަޔާރާ އޭނަގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ." އެކަންވެސް ވާނީ ހަމަ އެކަމަށް ކަނޑައަޅުއްވާފައިވާ ވަގުތުގައި...އަބަދުވެސް ހަނދާން ކުރައްޗޭ..."
"ޢަހަރެން ބައްޕަ ގާތުން އަހާނަން އިންޝާﷲ..."
ނުނިމޭ