މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ކުޑަ އާބާދީތަކަށް ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަކުރާ އިންސައްތަ އިތުރުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާނެ ކަމަށެވެ.
އޭގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި:
- 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000އަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއް ކަމުގައި ކަނޑައެޅުން
- ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން
- ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން
ރައީސް ވިދާޅުވީ، އާބާދީ ވަރަށް ކުޑަ ރަށްރަށުގައި ވެސް، އާބާދީ ބޮޑު ރަށްރަށާ އެއްވަރަށް ކައުންސިލަރުން ތިބި ކަމަށެވެ.
"ނިޒާމު ބޮޑުވީމައި އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް ރަށެއްގެ ނަން ނުނިކިޔެއް ކަމަކު ސްކޫލެއް ނެތް ރަށެއް، ވިއްސަކަށް މީހުން ދިރިއުޅޭ ރަށެއް، ފަސް ކައުންސިލަރުން އެބަތިބި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ކައުންސިލްތަކުން ބްލޮކް ގްރާންޓް ގެންނަ ގޮތް ބަލަން ފިނޭންސް މިނިސްޓްރީއަށް ބާރު ދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނު މިހާރު އޮތީ އެންމެ އެދެވޭ ގޮތަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިޚްތިޔާރާއި ބާރު ފިނޭންސް މިނިސްޓްރީއަށް ލިިބިދޭ މާއްދާއެއް ގާނޫނަށް އިތުރުކުރާނެ ކަމަށެވެ.
"މިހާރު ވާގޮތަކީ ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުތަކުގައި ބޭންކޮކްގައާއި ތަންތަނުގައި އުޅެނީ ކައުންސިލްތަކުން، ފިނޭންސް މިނިސްޓްރީއެއް ކުރެވޭނެ ކަމެއް ބުނެވޭނެ އެއްޗެއް ވެސް ނޯވޭ ގާނޫނު އޮތް ގޮތުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ބްލޮކް ގްރާންޓް މިދެނީ، ބޭނުން ކަމެއް ކުރެވޭ ނުހުއްޓުވޭ، އެކަމަކު ރަށުގައި ކުރަން ޖެހޭ ކަންތައްތައް އެބަހުއްޓޭ ނުކޮށް."
މީގެ އިތުުރުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައި، އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ނިޒާމަށް އަމަލުކުރަން ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރު ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ގްރާންޓް ފައިސާގެ ތެރެއިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 717 މިލިއަން ރުފިޔާއެވެ.