ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން މި ފަހުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވެ ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައިވަނީ މި ފަހުން އާންމުވެފައެވެ. އެގޮތުން ވިހެއުމަށްފަހު ބޭނުންކުރާ އެކި ކަހަލަ ބޭސްތަކާއި، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސްތަކާއި، އެ ނޫން ވެސް ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ ބޭސްތައް ލިބުން ދަތިވީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްތުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުން ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުން، ބައެއް މުހިންމު ބޭސް ސަޕްލައިކުރަމުން އައި އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސެންޓުން އެ ކުންފުނިތަކަށް ފައިދާ ޖެހޭ ގޮތަށް ކަމަށެެވެ.

މަލޭގެ ބޭސް ފިހާރައެއް -- ސަން ފޮޓޯ
"އާސަންދައިގެ ތެރެއިން މި ލާރި ޕްރައިވެޓް ކުންފުނިތަކަށް މި ލިބެނީ. ކިހާ ބޮޑު އިސްރާފެއްތޯ. އެހާ ބޮޑު ޕަސެންޓޭޖެއް. ސެވަރަލް ހަންޑްރެޑުން ގޮސް، ވަން، ޓޫ ތައުޒަންޑް ޕަސެންޓް ޕްރޮފިޓް އާސަންދަ ތެރެއިން ނަގަން ފެށުނީ،"
އެހެން ފައިސާ ނަގައިގެން ވިޔަފާރިކުރި ބައެއް މީހުން މިއަދު މަހުޖަނުންނަށް ވެފައި އެބަތިބި ކަމަށާއި، އެ ކަން ހުއްޓުވަން މި ސަރުކާރުން ބޭހުގެ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓަން 'ކެޕް' ކުރީ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ، އޭގެ ސަބަބުން ބޭސް އެތެރެކުރާ ބައެއް ވިޔަފާރިވެރިން 'ގަސްތުގައި' އެ ބޭސްތައް ގެނައުން ހުއްޓާލީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެން އެ ބޭފުޅުން [ބޭސް ވިޔަފާރިވެރިން] އަޅުގަނޑަށް މައާފްކުރާނެ ކަމަށް. އެކަމަކު ހަގީގަތް ދަންނަވާލާނަން. ހަމަ ގަސްތުގައި ގެނައުން ހުއްޓައިލީ ބައެއް ބޭސް. މިއީ ހަމަ ޗޯކްކޮށްލަން [ތާށިކޮށްލަން] ވެގެން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެހެން އެ ކަން ކުރުމުން، އެސްޓީއޯއަށް އެ ބޭސްތައް އެތެރެކުރަން ވަގުތު ނުލިބުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ:
- ބޭހުގެ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯއިން މިހާރު ލިބޭނެ ކަމަށް
- 10 ބޭހެއް ފިޔަވައި، އަސާސީ ބޭހުގެ ތެރޭ ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯއިން ލިބޭނެ ކަމަށް
- އަމިއްލަ ކުންފުނިތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭ އަމަލުކުރަން ފަށާނެ. ރައީސް ވިދާޅުވީ މި އަގު ރިވައިޒްކުރީ ކުރިން އަގު ދަށްކުރުމުން، ވިޔަފާރިވެރިންނަށް ލިބުނު ފައިދާ މަދުވުމުން، އެ އަގު ދަށްކުރިވަރަށްވުރެ މަތިކޮށްފައި ކަމަށެވެ.
ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް މި ކަމަށް ކުރާ ޚަރަދުތަކުގެ ހިސާބުތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް އަދި ނުފެނެއެވެ.