ކަނޑުއަޑީގެ މާހައުލީ ނިޒާމު ބެލެހެއްޓުމަށް ޓަކައި، ކަނޑުގެ ދިރުންތަކުގެ ހާލަތު ދެނެގަނެވޭ "ޕެސިވް އެކޯސްޓޮކް މޮނިޓަރިން (ޕޭމް)" ޓެކްނޯލޮޖީ ރާއްޖޭގައި ބޭނުން ކުރަން ފަށައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ، މި ޓެކްނޯލޮޖީ ބޭނުންކުރަން ފެށީ އަޖުމަބެލުގެ ޕައިލެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި ފަރުތައް އާލާކުރުމާއި ކަނޑުއަޑީގެ ދިރުން އިއާދަކުރުމަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭ ފުރަތަމަފަހަރެވެ.
ޕައިލެޓް ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ހޯމްލޭންޑް މިނިސްޓްރީން ހިންގަމުންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއާއި އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅިގެންނެވެ.
ޕޭމް ޓެކްނޯލޮޖީ ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ހޯމްލޭންޑް މިނިސްޓްރީ
މި ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން އީޕީއޭއިންނާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިންނާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން 17 ފަރާތެއް ތަމްރީނުކޮށްފައިވެއެވެ.
މި ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާލެ އަތޮޅު ރަސްފަރި ފަރުގައެވެ. ކ. ރަސްފަރި ފަރަކީ ގުދުރަތީ ދިރުންތައް ގިނަ، ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެހެން ނަމަވެސް 2019ގައި މި ފަރުގެ އުތުރުފަރާތަށް އާގުބޯޓެއް އުރި ވަރަ ށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ، ޑީމެޑް މަޝްރޫގެ މި ޕައިލެޓްގެ ތެރެއިން ހުސްވި އޭޕްރީލުގައި ގެއްލުން ލިބުނު ސަރަހަދާއި އަދި ކޮންޓްރޯލް ސަރަހައްދެއްގެ ބޭސްލައިން ސައުންޑް ޑޭޓާ ނަގާފައިވާ ކަމަށެވެ.
ކަނޑުއަޑީގެ ހާލަތު ދެނެގަނެވޭ، ޕެސިވް އެކޯސްޓޮކް މޮނިޓަރިން (ޕޭމް)، ރާއްޖޭގައި އަލަށް ބޭނުންކުރަން ފެށުން -- ފޮޓޯ/ ހޯމްލޭންޑް މިނިސްޓްރީ
ކޮންޓްރޯލް ސަރަހައްދުގެ އަޑުތަކާއި، ހަލާކުވެފައިވާ ސަރަހައްދުގެ އަޑުތަކާއި އަޅާކިއުމުން ފަރުގެ ދިރުން އާލާވާ މިންވަރު، މި ޓެކްނޮލޮޖީގެ އެހީގައި ދެނެގަނޭވޭނެއެވެ.
މި ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބޭސްލައިން ޑޭޓާ ނެގައި ރައްކާކުރުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަންނަ ނުރައްކާތަކަށް ފިޔަވަޅުއެޅުމަށް ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަން ވެސް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.
މި ޕައިލެޓްގައި ހިމެނޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ، މެކްސީކޯގެ މެސޯ އެމެރިކަން ރީފް ސިސްޓަމް ގެ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް، ޕޭމް ޓެކްނޯލޮޖީ ބޭނުންކޮށްގެން ދިރާސާކުރާ އޯޝަން ވޯލްޑް އޮފް ސައުންޑްގެ މެރީން ބައޮލޮޖިސްޓުންނެވެ. މި ތަމްރީނުގައި މިފަދަ މަސައްކަތެއް ރޭވުމާއި، މައުލޫމާތު ރިކޯޑްކުރަން އެންމެ އެކަށީގެންވާ ވަގުތުތައް ދެނެގަތުމާއި، އަޑުއެހުމަށް ބޭނުންވާ އާލާތްތައް ޕްރޮގްރާމްކުރުމާއި، ފީލްޑް މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ޑިވައިސްތައް ޑިޕްލޯއިކުރަންވާ ގޮތް ދަސްކޮށްދީފައިވެއެވެ.
ކަނޑުއަޑީގެ ހާލަތު ދެނެގަނެވޭ، ޕެސިވް އެކޯސްޓޮކް މޮނިޓަރިން (ޕޭމް)، ރާއްޖޭގައި އަލަށް ބޭނުންކުރަން ފެށުން -- ފޮޓޯ/ ހޯމްލޭންޑް މިނިސްޓްރީ
އަދި މި ކަމަށް ބޭނުންކުރެވޭ އެކި އެކި އޯޕަން ސޯސް ސޮފްޓްވެއާގެ މައުލޫމާތު ދިނުމުގެ އިތުރުން، މި ކަމުގައ ބޭނުންކުރާ ޕްރޮފެޝަން ސޮފްޓްވެއާއެއް ބޭނުންކުރާނެ ގޮތުގެ އަމަލީ ތަޖުރަބާއާއި، އެ ސޮފްޓްވެއާގެ ލައިސަންސް ވަނީ ބައިވެރިންނަށް ފޯރުކޮށްދެވިފައެވެ. އަދި މިކަމަށް ބޭނުންކުރެވުނު އާލާތްތައްވަނީ އީޕޭއޭއަށް ހަދިޔާކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެއެވެ.
ކަނޑުއަޑީގެ ހާލަތު ދެނެގަނެވޭ، ޕެސިވް އެކޯސްޓޮކް މޮނިޓަރިން (ޕޭމް)، ރާއްޖޭގައި އަލަށް ބޭނުންކުރަން ފެށުން -- ފޮޓޯ/ ހޯމްލޭންޑް މިނިސްޓްރީ
ޕޭމް ޓެކްނޯލޮޖީއާއެކު ކަނޑުއަޑީގެ ދިރުންތަކުގެ އަޑުތައް ރިކޯޑްކޮށްގެން، އެ އަޑުތައް ސޮފްޓްވެއާއަކުން އެނަލައިޒްކުރުމަށްފަހު، ފަރުތަކުގެ ހާލަތު ދެނެގަނެ ޑޭޓާގެ ގޮތުގައި ރައްކާކޮށް ބެލެހެއްޓުމަށް މަގުފަހިވެއެވެ. މި ޓެކްނޯލޮޖީގައި ބޭނުންކުރަނީ ދިގު މުއްދަތަކަށް މޫދުގެ އަޑީގައި ބެހެއްޓޭގޮތަށް ފަރުމާކޮށް، މައިކްރޯފޯނާއި، ކޮންޓްރޯލްބޯޑް، ބެޓަރި އަދި މެމޮރީކާޑާއި އެކު ހަދާފައިވާ އާލާތްތަކެކެވެ. މި އަޑުތައް އެނަލައިޒް ކުރުމަށް ޓަކައި ބޭނުންކުރަނީ ސޮފްޓްވެއާއެކެވެ.
އެ މިނިސްޓްރީން ބުނީ، ޕޭމް ޓެކްނޯލޮޖީ ދުނިޔޭގައި ބޭނުންކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި އެ ޓެކްނޯލޮޖީގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުވުމާއި، އަގު ހެޔޮވުމާއި، ފަސޭހައިން ލިބުމާއި ސަބަބުން، އެއަށް ސަމާލުކަން އިތުރުވާންފަށާފައިވާ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ ބޮޑު ސަރައްދަކީ ކަނޑުފަޅުތައް ކަމުގައިވެފައި، މި ފަދަ ދިރާސާކުރުމަށް އިންޖީނުލީ އުޅަނދު ބޭނުންކުރުމާއި، ޑައިވްކޮށްގެން މައުލޫމާތު އެއްކުރުމަކީ އެކަ މުގައި އެތަކެއްވަގުތެއް ހޭދަވާ އަދި ޚަރަދު ބޮޑު ކަމެކެވެ.
މި މަސައްކަތުގައި އިންސާނުން ހަރަކާތްތެރިވެ އުޅުމަކީ، ދިރުންތަކުގެ ގުދުރަތީ އުޅުން ތަފާތުވެ، އެންމެ ތެދު މައުލޫމާތު ނުލިބޭ ކަމެއް ކަމާއި، މި ކަމުގައި އެކަށީގެންވާ މިންވަރަށް ޑައިވަރުންނާއި މި ފަންނުގެ މުވައްޒަފުން ނެތުމުގެ ސަބަބުން ދެމެހެއްޓެނިވިގޮތެއްގައި ދިވެހިރާއްޖޭގެ ފަރުތަކުގެ ނިޒާމު ބެލެހެއްޓުން ގޮންޖެހުމަކަށް ވެފައިވާކަން އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
މި ޓެކްނޯލޮޖީއާއެކު އިންސާނުން ހަރަކާތްތެރި ނުވާ މާހައުލެއްގައި ކަނޑުގެ ދިރުންތައް ގުދުރަ ތީގޮތުން ހަރަކާތްތެރިވަމުންދާ ގޮތުގެ ހަގިގީ މައުލޫމާތު ސައިންޓިފިކް ތަހުލީލުތަކުގައި ބޭނުންކުރަން ލިބިގެންދާނެއެވެ.