ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުޑަ ދުލެއް ވެސް ނުދެއްވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރަން ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ. އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވެސް ދެންނެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ މިއަދާ ހަމައަށް އައިއިރު ވެސް ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ބޭރުގެ އެކްސްޕާޓުންގެ އެހީއާއި ލަފާ ހޯދާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ދެން މިދަނީ އެކަމާ ގުޅިގެން ދެން ހުރި މަރުހަލާތަކުގެ މަސައްކަތްތައް ކުރަމުން. އެ މަސައްކަތްތައް ފަށާފައި ވަނީ،" ރައީސް ވިދާޅުވިއެވެ.

މިފަހުން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތުގެ ސިޔާސަތަށް އައި ކުޑަ ބަދަލެއް ފާހަގަވި ކަމަށާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ވެސް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް ގެއްލިގެން ދިޔަ ކަނޑުގެ ބައި ހޯދުމަކީ އަޅުގަނޑުމެންގެ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަނަމަވެސް ދުލެއް ނުދެން. ފަހަތަކަށް ނުޖެހެން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޗާގޯސް މައްސަލައިގެ މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު އަދި ކަނޑުގެ ގާނޫނުގެ ޚަބީރެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.

އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.

ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ފޮނުއްވާފައިވެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް ވިދާޅުވީ، ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށެވެ.

comment ކޮމެންޓް