ޑިޑީއާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކީން ބަޔާން ދެނީ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ މައްސަލައިގެ އަޑުއެހުންތަކުގައި ގިނަ އަދަދެއްގެ ހެކީން ބަޔާންދޭނެ ކަމަށް ކޯޓުން ހާމަކޮށްފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށް ފަހު އެ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.

ޑިޑީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފައެވެ. އެމެރިކާގެ މެންހެޓަންގައި ހުންނަ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ތިން މައްސަލައަކާ ގުޅޭގޮތުން ކޯޓު އަޑުއެހުމުގައި ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭގެތެރޭގައި ޓްރެފިކިންގެ މައްސަލަތައް ހިމެނެއެވެ.

މި ފެށޭ ހަފުތާގައި ޑިޑީގެ އަޑުއެހުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަޑުއެހުންތައް ފެށުމާއެކު އޭނާ އާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކީންތަކެއް ބަޔާން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ނިއު ޔޯކްގެ ސަދަން ޑިސްޓްރިކްޓް އެޓާނީ އޮފީސް އިން ވަނީ ބުނެފައެވެ.

އޭނާއާ ދެކޮޅަށް ބަޔާން ދިނުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ ނަން ކަމަށްވާ ކެސެންޑްރާ ވެންޗުރާ ހިމެނެއެވެ. ކެސެންޑްރާ އަކީ ޑިޑީ އާ މީގެ ކުރީން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކަކެވެ. އޭގެ އިތުރުން ވެސް މަންޒަރުތައް ދުށް ބައެއް މީހުން ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީން ކޮށްފައިވާ ތުހުމަތުތަކަށް ޑިޑީ ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ހެއްކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ތަފާތު އެކި މައްސަލަތައް އެއްވެ, މިހާރު ވެސް ޑިޑީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 60 އަށްވުރެ އިތުރެވެ.

comment ކޮމެންޓް