އިއްލެގެ ފުރަތަމަ ލޯބީގެ ފިލްމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

ދިވެހީންގެ ތެރޭގައި އިއްލެ މަގުބޫލު ވެގެން ގޮސްފައިވަނީ ތަފާތު އެކި ކަހަލަ ތުރިލާ ފިލްމުތަކާ އެކުގައެވެ. ބޮޑެތި ޓްވިސްޓުތައް ހިމެނޭ، އަދި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ މައްސަލަތައް ގުޅުވާލައިގެން ތައްޔާރުކުރާ ތަފާތު ފިލްމުތަކާއެކު އިއްލެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

މިފަހަރު އިއްލެ ފަށާފައިވަނީ ތަފާތު ޕްރޮޖެކްޓެއްގެ މަސައްކަތެވެ. އެގޮތުން އިއްލެ މިފަހަރު ތައްޔާރު ކުރާނީ ލޯބީގެ ފިލްމެކެވެ. އައިފިލްމްސް އަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕްރޮޑަކްޝަންގެ ފުރަތަމަ ލޯބީގެ ފިލްމު، "ލޯބިން..؟" އިއުލާނު ކޮށްފައިވަނީ މީގެ ހަވަރަކަށް މަސް ކުރީންނެވެ.

ފިލްމު އިއުލާނު ކުރުމަށްފަހު އެއްވެސް މައުލޫމާތެއް ހާމަ ނުކޮށް އެންމެ ފަހުން އައިފިލްމްސް އިން ވަނީ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

ލޯބިން، މި ފިލްމުގެ ޝޫޓިންތައް މިދިޔަ ހަފުތާގައި ފަށާފައިވާއިރު ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ކާސްޓިން ވެސް ސިއްރުކޮށްގެން ޝޫޓިން ކުރިއަށްދާއިރު މި ފިލްމުގައި އާ އެކްޓަރުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އައިފިލްމްސް އިން ދާދިފަހުން އޯޕެން ކާސްޓިން ކޯލެއް ކުރިއަށް ގެންގޮސްފައިވާތީއެވެ. މިއީ އަލަށް ނެރޭ ފިލްމަށް އެކްޓަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ކާސްޓިން ކޯލަކަށް ވެދާނެއެވެ.

އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒް ފިރާގެވެ. އިފްނާޒް އަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ސަޕޯޓިން ލީޑުގެ ރޯލުންވެސް ފެނިގެން ގޮސްފައިވަނީ އިފްނާޒްއެވެ. އޭގެއިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.

ލޯބިން ނެރޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހަރުގައި މިއަހަރުގެ ފަހުކޮޅު ފިލްމު ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް