ފަލަސްތީނަށް ޓަކައި ރާއްޖޭން ކެނޑިނޭޅި ވާކާލާތު ކުރާނެ ކަމުގެ ޔަގީންކަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމް ދެއްވައިފިއެވެ.
މިއަދު އައިސީޖޭގައި އުޝާމް ވަނީ، އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ވާހަކަދައްކާވައެވެ.
އެ ކޯޓުގައި މިހާރު ކުރިއަށް ދަނީ އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމިއްޔާ، އަންރުވާ ގެ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ އަޑުއެހުމުގައި އުޝާމް ވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރު ކުރުން މުހިންމު ކަމަށެވެ.
އެގޮތުން، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް އުޝާމް ވިދާޅުވެފައިވެއެވެ.
އދ.ގެ އެހީ ޖަމިއްޔާ 'އަންރުވާ' ރޫޅާލުމަށް ޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އެ އަޑުއެހުމުގައި އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭގެއިތުރުން، ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ވަނީ އެ އަޑުއެހުމުގައި ބަޔާންތަކެއް ހުށަހަޅުއްވާފައެވެ.
އެ ބަޔާންތަކުގައި ވަނީ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށް ޓަކައި ޤައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުން ކަމަށާއި މިނިވަން، މުސްތަޤިއްލު ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.