ކެބިނެޓުން ވަކިވެ، އަދާލަތާ ގުޅި، ރައީސްކަމަށް ވާދަކުރައްވާނަމަ މަރުހަބާކިޔާނަން: އިމްރާން

ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވައި، އެ ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަނީ، ކެބިނެޓުން އިސްތިއުފާ ދެއްވުމަށްފަހު ކަމަށްވާ ނަމަ މަރުހަބާ ވިދާޅުވާނެކަމަށް، އެ ޕާޓީގެ މިހާރުގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއާ ގުޅެން ނިންމެވި ކަމާއި، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ނިންމެވިކަން ޝަހީމް ހާމަކުރެއްވީ މިއަދެވެ.

އެ ކަމާ ގުޅިގެން އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ޝަހީމަށް މަރުހަބާ ކިޔަމުން އަންނަނިކޮށް، މިހާރު ބެންކޮކުގައި ދިރިއުޅުއްވާ، އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާހެދި ގައުމު ވެއްޓިފައި އޮތް ހާލަތުން ގައުމު ސަލާމަތްކުރުމަށް، ސާފު ނިޔަތަކާއެކު ކެބިނެޓުން ވަކިވެވަޑައިގެން، ލީޑާޝިޕަށް ވާދަކުރައްވާނަމަ އެ ކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އިމްރާންގެ އެ ވާހަކައަށް ރައްދު ދެއްވައި، ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރާނަމަ ކެބިނެޓު މަގާމުން އިސްތިއުފާ ދޭން ނުޖެހޭ ކަމަށެވެ.

އަދި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަ މީހަކު ސަރުކާރު މަގާމެއްގައި ހުރުން މަނާ ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ޕާޓީގެ ރައީސްކަމަށް އިންތިޚާބުކުރައްވައިފި ނަަމަ ކޮންގްރެސްއިން ނިންމާ ގޮތަށް ޕާޓީގެ ކަންކަން ބައްޓަންކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސަކަށް އިމްރާން އަބްދުالله ހުންނަވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އޭނާ ގެންދަވަނީ މިހާރު ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޝަހީމް އެނބުރި އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނަވަން ނިންމެވުމުން, އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އިލްޔާސް ހުސައިންނާއި އެ މަޖިލީހުގެ މެންބަރު ޝެއިހް މުޙައްމަދު އަނިލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ, ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އަދާލަތު ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަހީމް އެ ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ. އޭނާ އެ ފަހަރު ޕާޓީން ވަކިވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

https://sun.mv/205437

ފަހުން ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފައެވެ. އެ އިންތިޚާބު ނާކާމިޔާބުވުމުން ދެން އޭނާ ވަޑައިގެންނެވީ, އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށެވެ.

comment ކޮމެންޓް