ބަނގުރަލުގެ މައްސަލައިގައި ސަރުކާރުން އާއްމުކޮށްފައިވާ ނިންމުން ބަދަލުނުކޮށްފިނަމަ ސަރުކާރު ބަދަލުކުރާނެކަމުގެ އިންޒާރު އަދާލަތު ޕާޓީން ދީފި

19:00

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ސަރުކާރުން އާއްމުކޮށްފައިވާ ނިންމުން ބަދަލުނުކޮށްފިނަމަ ސަރުކާރު ބަދަލުކުރާނެކަމުގެ އިންޒާރު އަދާލަތު ޕާޓީން ދީފި އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި އަންނަ މަހު އެކަކުން ފެށިގެން ބަނގުރާ ވިއްކުން ހުއްދަކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް އެކަން ސަރުކާރުން އަނބުރާ ގެންދިއުމަށް ގޮވާލުމަށް އަދާލަތު ޕާޓީ އާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ސަރުކާރާ އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފިއީ ވިދާޅުވީ، އެ ނިންމުން އަނބުރާ ނުގެން ގޮސް، އެކަން ކުރިއަށްދާނަމަ ކުރީގެ ސަރުކާރު ބަދަލުކުރަން މަސައްކަތްކުރި ފަދައިން ގާނޫނީ ދާއިރާގެ ތެރެއިން މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެކަމުގައި ސަރުކާރާ ދެކޮޅަށް ތެދުވުމުގައި ވަޒީފާއަކަށް އަދި ދީފާނެ ހަމަލާ އަކަށް ނުބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނުވަތަ ދެމީހަކު އެދޭ އެދުމަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިވަރުގެ ޅައެއްޗެއް އަޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝާފިއީ ވިދާޅުވި އެވެ.

ޖުމްލަ 90 އަށް ވުރެ ގިނަ ޖަމްއިއްޔާ ބައިވެރިވާ މަދަނީ އިއްތިހާދުގެ ފަރާތުން މިއަދުގެ ނިއުސް ކޮންފަރެންސްގައި ވާހަކަ ދެއްކެވި މުހައްމައިދީ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ފަސް ވައުދާ ހިލާފް ކަމެއް ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މަޝަވަރާއާ ނުލައި ކޮށްފައިވާ ކަމެއްނަމަ އެކަންކުރި ބަޔަކު ވަކިކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. އަދި މިއީ އެމްޑީޕީގެ ވައުދުތަކާ ވެސް ހިލާފްވުމެއް ކަމަށާއި، އެހެންކަމުން ވައުދުތައް ހިމާޔަތް ކުރުމަށްޓަކައި މިކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ތެދުވުމަށް ވެސް މުހައްމައިދީ ގޮވާލެއްވި އެވެ.

ދީނާ ހިލާފް މިފަދަ ކަންތައްތަކާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ކުރައްވާ މަސައްކަތްތަކަށް ކިހާވަރެއްގެ އެއްބާރުލުމެއް ލިބޭތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ދީނީ މަޖިލީހުގެ ރައީސް ބީއޭ އަހުމަދު ނަސީމު ވިދާޅުވީ، އެފަދަ ކަންތައްތަކުގައި ޕާޓީގެ މާބޮޑު އިންވޯލްވުމެއްނޯންނަ ކަމަށާއި ބޮޑުބައި ކުޅެނީ މަޖިލީހުން ކަމަށެވެ. އަދި މި މައްސަލައިގައި ރައީސް ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށާއި، ދީނީގޮތުން ގާނޫނެއް އޮތަސް ނެތަސް ސަރުކާރަށް ކަންކަން ކުރެވޭނީ ގާނޫނުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީ ތެރެއިން ކުރެއްވި މަސައްކަތްތައް މިހާތަނަށް ގަބޫލުކޮށްފައިވާ ކަމަށާއި، އެ ގަވާއިދަކީ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ނެރެފައިވާ ގަވާއިދެއް ކަމަށް ސަރުކާރުން ބުނާ ކަމުގައި ވެސް ނަސީމު ވިދާޅުވި އެވެ.

މާދަމާގެ މުޒާހިރާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މާދަމާގެ އަސުރު ނަމާދަށްފަހު އާޓިފިޝަލް ބީޗުގައި ފެށުމަށް ހަމަޖެހިފައިވާ މި އެއްވުމަކީ، ސުލްހަވެރި އެއްވުމެއް ކަމަށެވެ. އަދި މިއެއްވުގެ ކުލަޔަކީ ހުދުކުލަ ކަމަށާއި، އެއްވުމުގައި ބައިވެރިވާ މީހުން ކުޅަދާނަކަންވީ މިންވަރަކުން ހުދުކުލަ ބޭނުން ކުރުމަށް ވެސް ޝަހީމު އެދިވަޑައިގެންނެވި އެވެ. އަދި މި އެއްވުމުގެ ބައިވެރިން ރަށު ތެރެއަށް ނާރާނެ ކަމަށާއި، އެއްވުމުގައި ސިޔާސީ ބޭނުން ހިފަން ބައެއް ފަރާތްތަކުން މަސައްކަތްކުރާނެ ކަމަށާއި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރުމުގެ ގަވާއިރު ނެރެފައި ވަނީ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްފައި ކަމަށް ބުނާ ބުނުން ވެސް ޝަހީމު ދޮގުކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު