ފަތުރުވެރިކަމުގެ ދާއިރާގައި ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ރާއްޖެ މިއަދު އަނެއްކާވެސް މިވަނީ އާ ލަނޑުދަނޑިއެއް ހާސިލް ކޮށްފައެވެ. ގުދުރަތީ ރީތިކަމާއި ކަނޑުގެ ރީތިކަމާއެކު ގޮނޑުދޮށުގައި އައިސް ސްކޭޓިން ކުރުމުގެ ފުރުސަތު ރާއްޖޭގެ ޖުމެއިރާ ވިޓަވެލީ ރިސޯޓުން މިވަނީ ފަތުރުވެރިންނަށް ހޯދައި ދީފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުރަތަމަ ފަހަރަށް އައިސް ސްކޭޓިންގެ ހިދުމަތް އިއްޔެ ފަށައި ފަތުރުވެރިންނަށް އެ ރިސޯޓުން ހުޅުވާލައިފިއެވެ.
މާލެއިން ފުރައިގެން ސްޕީޑް ބޯޓުގައި ގާތްގަނޑަކަށް 20 ވަރަކަށް މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ އެ ލަގްޒަރީ ރިސޯޓުގައި އިއްޔެ ހުޅުވާފައިވާ ސްކޭޓިން ރިންކަކީ ދުނިޔޭގެ ލީޑިން ސްވިސް ކުންފުންޏެއް ކަމަށްވާ ގުލައިސް އިން އުފައްދާ ޕްލާސްޓިކުން ހަދާފައި ހުންނަ އާޓިފިޝަލް އައިސް ގަނޑުތަކަކުން ހަދާފައިވާ ސްކޭޓިން ރިންކެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ވިޓަވެލީ ރިސޯޓުން ހޯދި ކާމިޔާބީފާހަގަ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ފަރާތަކުން އެ ރިސޯޓަށް ދިޔައެވެ. އިރު އޮއްސިގެން ދިޔަ ވަގުތުގެ ހިތްގައިމު ކަމާއެކު އަލިފާނުގެ ކުޅިވަރުތަކާއި މިއުޒިކާއެކު ރާއްޖޭގެ ފުރަތަމަ އައިސް ސްކޭޓިން ރިންކް ހުޅުވައިދެއްވީ އޮލިމްޕިކްގައި އައިސް ސްކޭޓިންއިން ދެ ފަހަރު ރަންމެޑަލް އަދި ދެ ފަހަރު ރިހިމެޑަލް ހޯދައިފައިވާ އެވްޖެނީ ޕްލަޝެންކޯ އާއި ވިޓަވެލީ ރިސޯތްގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދާއެވެ.
އޮލިމްޕިކްސްގައި އައިސް ސްކޭޓް ކުރުމުން ގޯލްޑް މެޑަލް ހޯދައިފަވާ އެވްޖެނީ ޕްލަޝެންކޯ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
"ރާއްޖޭގައި އައިސްކޭޓް ކުރުމުގެ ޝަރަފު އަހަރެންނަށް ލިބުނީތީ ވަރަށް ފަހުރުވެރިވަން. އަހަރެންގެ ހަޔާތުގައިވެސް އަލަށް މިކަހަލަ ސާފު ގޮނޑުދޮށެއްގައި އައިސް ސްކޭޓިން މިކުރީ. ވަރަށް ތަފާތު ތަޖުރިބާއެއް މިއީ،" ރިންކް ހުޅުވުމަށް ފަހުގައި އެންމެ ފުރަތަމަ ރާއްޖޭގައި އައިސް ސްކޭޓްކުރި ގޯލްޑް މެޑަލްގެ ވެރިޔާ އެވްޖެނީ ބުންޏެވެ.
އެވްޖެނީ ބުނީ، ވިޓަވެލީގައި ހުޅުވި ރިންކަކީ އަސްލު އައިސްއިން ހަދާފައިވާ ރިންކަކަށް ނުވީކަމުގައި ވިއަސް އެ ރިންކަކީ އައިސް ސްކޭޓް ކުރުމަށް ވަރަށް ރަނގަޅު ރިންކެއް ކަމަށެވެ. އަދި ރާއްޖެފަދަ ތަނެއްގައި ހިތްގައިމު މާހައުލެއްގައި އައިސް ސްކޭޓް ކުރުމަކީ މުޅިން ތަފާތު އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށެވެ.

އެވްޖެނީ ޕްލަޝެންކޯ އައިސް ސްކޭޓް ކުރަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ވިޓަވެލީއަށް މީގެ ކުރިން ޒިޔާރަތްކޮށްފައިވާ ޒުވާން ފަތުރުވެރިއެއްގެ ހިޔާލުގެ މައްޗަށް ބިނާކޮށް އަމިތު ފެށި މަސައްކަތް އިސާހިތަކު މިއަދު އެވަނީ ފުރިހަމަވެފައެވެ. މިއަދަށްފަހުގައި ރާއްޖެ އަދި ވިޓަވެލީ ރިސޯޓް ޕްރޮމޯޓް ކުރުމުގައިވެސް ރާއްޖެ ފަދަ ގުދުރަތުގެ ރީތި މާހައުލެއްގައި ސްކޭޓް ކުރުމުގެ ވާހަކަ ހަމަ ގައިމުވެސް ބޭރުގެ ފަރާތްތަކުގެ މެދުގައި ދެކެވޭނެއެވެ.
ވިޓަވެލީ ރިސޯތްގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދާ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
"ފިނިމޫސުމުގެ ދުވަސްވަރު ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ތަނެއް ނިންމުމަށް ފަތުރުވެރިންގެ މެދުގައި މަޝްވަރާކުރެވޭއިރުގައި ދެކެވޭ ވާހަކައެއް އެއީ ރާއްޖެ އައުމުގެ ބަދަލުގައި ފިނި ތަންތަނަށްގޮސް އައިސް ސްކޭޓް ކުރުން. އެކަމަކު މިއަދަށް ފަހުގައި ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަވީ މަންޒިލެއް ނިންމުމުގައި ލުޔެއް ލިބިގެން ދާނެ. މިހާރު ރާއްޖެ އައިސް ރީތި ގޮނޑުދޮށްތަކާ ކަނޑުއަޑީގެ ރީތި ކަމާއެކު އައިސް ސްކޭޓް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ،" އަމިތު ވިދާޅުވިއެވެ.
ވިޓަވެލީގައި އައިސް ސްކޭޓިންގެ ކުޅިވަރު ކުރިއަށް ގެންދިއުމަށްޓަކައި ސަލާމަތީ ކަންކަންވެސް ވަނީ އޭގެ އެންމެ ރަނަގަޅަށް ބެލެހެއްޓިފައެވެ. ދަސްކުރަން ބޭނުންވާ މީހުންނަށް ޓްރެއިނިން ދިނުމަށް އެކަމުގެ ތަޖުރިބާކާރުންވެސް ވަނީ ގެނެސްފައެވެ. އަދި އިތުރަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމިތު ވިދާޅުވިއެވެ.
ރާއްޖެއަށް އަލަށް އައިސް ސްކޭޓިން ތައާރަފް ކުރުމުން ދިވެހިންގެ ތެރޭގައިވެސް އެ ތަޖުރިބާ ކުރަން ބޭނުންވާނެ މީހުން ތިބޭނެއެވެ. އެފަދަ މީހުންނަށް އެ ފުރުސަތު ދިވެހިންނަށް ހާއްސަ ޕެކޭޖަކާއެކު ހުޅުވާލުމުގެ ހިޔާލުވެސް ގެންގުޅޭ ކަމަށް އަމިތު ވިދާޅުވިއެވެ.
އިއްޔެ ހުޅުވި ރިންކާއެކު ރާއްޖޭގެ ފަތުރުވެރިކާމުގެ ދާއިރާއިން ލިބިގެންދާ ހިދުމަތްތަކުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީއެވެ. ކުރިއަށް އޮތް ތަނުގައި އެތަނުގެ ފައިދާ ކުރާނެކަމަށް ލަފާކުރެވޭއިރުގައި ކިހާވަރެއްގެ ކާމިޔާބީއެއް ލިބިދާނެތޯއެވެ.

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވުން---ފޮޓޯ ރައީސް އޮފީސް
ދުބާއީގެ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހިންގާ ވިޓަވެލީގައި ހަތް އޯޝަން ސޫޓާއެކު 43 ވިލާސް ހިމެނޭއިރު ކޮންމެ ވިލާއެއް ވެސް ހުންނަނީ ބީޗު ފެންނަ ގޮތަށެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލަކާއި މާ ބަގީޗާއެއް އޮވެ އެވެ.
އޭގެ އިތުރުން އެ ރިސޯޓުގެ އެންމެ ހާއްސަ އެއްތަނަކީ 14 މީހުންނަށް ތިބެވޭ ގޮތަށް އިމާރާތްކޮށް މިއަހަރުގެ ތެރޭގައި އެ ރިސޯޓުގައި ހުޅުވި ރޯޔަލް ރެޒިޑެންސް އެވެ.